ރައްޔިތުން އެދޭ ބަދަލުތައް ރައްޔިތުންނަށް ގެނެސްދިނުމަށާއި ރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމަށްޓަކައި ޤާސިމް އިބްރާހީމް ފަދަ ބޭފުޅެއްގެ ލަފައާއި އިރުޝާދު ހޯއްދެވުން ކީއްތޯ؟
މަލްޓި-ޕާޓީގެ ޒަމާނީ ޑިމޮކްރަސީއަކަށް ދިވެހިޤައުމު ވާޞިލްކޮށްދިން ޤާނޫނު އަސާސީގެ ޢަމަލީ މަސައްކަތްތަކުގައާއި މިޤާނޫނު އަސާސީ ފާސްކޮށް ނިންމައި ދިނުމުގައި އެންމެބޮޑު ޙިއްޞާއެއް އަދާކުރީ ކާކުހެއްޔެވެ؟ ރާއްޖޭގައި ޑިމޮކްރަސީ ޤާއިމްކުރުމަށް 1990 ވަނަ އަހަރުން ފެށިގެން ކުރަމުންދިޔަ މަސައްކަތްތައް، ހުއްޓާނުލައި މިމަސައްކަތް ކުރުމުގައި ރާއްޖޭގައި ދެމިހުރީ ކާކުހެއްޔެވެ؟ އެހެންގޮތަކަށް ބުނާނަމަ، 1990 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޑިމޮކްރަސީގެ “ހުޅުކޮޅު” ނިވުނަނުދީ ހިފެހެއްޓުނީ އެއަށް “ތެޔޮ” އަޅައިގެން ނޫން ހެއްޔެވެ. މިކަންތައްތަކުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ކާކުހެއްޔެވެ. ޝައްކެއް ނެތެވެ. އެއީ ޤާސިމް އިބްރާހީމް ފިޔަވައި ދެވަނަ ބޭފުޅެއް ނޫނެވެ.

